މެންޑޭޓު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއާ 132 ވަނަ މާއްދާއިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އުފައްދަވާފައި ވަނީ 2010 އޮކްޓޯބަރ 19 ގައެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަމުގައި ވަކި އޮފީހެއް އުފެއްދެވީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން ތަރިކައާއި، ދިވެހިއާދަކާދައާއި، އަދި ޘަގާފަތާއި ގުޅޭގޮތުން ކުރައްވަމުންގެންދެވި މަސައްކަތް ކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށް އެއިރު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ އެވެ.

2010 އޮކްޓޫބަރު 19 އިން ފެށިގެން 2013 ނޮވެންބަރު 16 ގެ ނިޔަލަށް ޑިޕާޓްމަންޓް ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުންނެވެ. 2013 ނޮވެންބަރު 17 އިން ފެށިގެން 2014 ޖޫން 23 ގެ ނިޔަލަށް ޑިޕާޓްމަންޓް ހިންގެވުން ހަވާލުކުރެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއެވެ. އަދި މިނސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަސައްކަތްތަކަށް ގެންނެވި ބައެއް ބަދަލާއި ގުޅިގެން، 2014 ޖޫން 24 ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެގޮތުގައި ހަމަޖައްސެވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 66/2014/141/-PAR1 (2014 ޖޫން 24) ސީޓީން އަންގަވާފައިވެއެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ މަސައްކަތްތައް

ޘަޤާފަތާބެހޭގޮތުން ގޮތުން ހަދަންޖެހޭ ޤަވާއިދުތައް ހަދައި ހިންގުން.
ދިވެހީންގެ ޘަޤާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި، ފަންނީ ހުނަރުވެރިކަމާއި އުފެއްދުންތަކަށް ހިތްވަރުދީ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
ރާއްޖޭގައި ހުރި އާޘާރީ ތަންތަން ބެލެހެއްޓުން.
ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި އާޘާރީ ތަންތަނާއި ތަކެތި ސައިންސްގެ ހަމަތަކުގެ މަތިން ހޯދައި ބެލުން.
ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި އާޘާރީ ތަންތަނާއި ތަކެތީގެ އާބާތުރަ ފިލުވައި ދަމަހައްޓައި ބެލެހެއްޓުމަށް ބޭނުންވާ އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލައި އާންމުކުރުމާއި، މިކަންކަން ހިނގަމުންދަނީ މިއުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތަށްތޯ ބެލުން.
ޘަޤާފީ ތަރިކައާބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުން.
ޤާނޫނު ނަންބަރު 79/27 (ދިވެހިރާއްޖޭގައި ހުރި އާޘާރީ އަދި ތާރީޚީ ތަންތަނާއި ތަކެއްޗާބެހޭ ޤާނޫނު) ގައިވާ ތަންތަނާއި ތަކެތި ކަނޑައަޅައި އިޢުލާނުކުރުން.
ދިވެހިރާއްޖޭގެ ތާރީޚީ ޘަޤާފަތް ދައްކުވައިދޭދިނުމަށްޓަކައި އަމިއްލަ ފަރާތްތަކުން އުފައްދަން ހުށަހަޅާ ތަންތަން އުފެއްދުމާއި، ތާރީޚީ ތަންތަން ބެލެހެއްޓުމަށް އަމިއްލަ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، މިކަމަށް ހިތްވަރުދިނުން.
ޤައުމީ ބަޠަލުންގެ ޒިކުރާ އާކުރުން.
ޤައުމީ ދާރުލްއާޘާރާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ހިންގައި ބެލެހެއްޓުން.
ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށްޓަކައި ލިޔެ ބަލަހައްޓަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.
ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން ތާރީޚަށްޓަކައި ލިޔެ ބަލަހައްޓަންޖެހޭ ކަންތައްތައް ހިންގައި ބެލެހެއްޓުން.