ތަޢާރަފް

ދިވެހިރާއްޖޭގައި ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީ 1 ރަބީޢުލްއައްވަލް މަހުގެ 1372ހ، (19 ނޮވެންބަރު 1952މ.) ދިވެހިރާއްޖޭގެ ޤައުމީ ދުވަހުއެވެ.

 

ޤައުމީ ދާރުލްއާސާރު އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ވަޒީރުލްއަޢުޒަމް ސުމުއްވުލް އަމީރު މުޙައްމަދު އަމީން އެވެ. ދިވެހި ޤައުމީ ދާރުލްއާސާރެއް އިފްތިތާޙުކުރެއްވުމުގެ އެންމެ މުހިންމު މަޤްސަދަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަގާފަތާމެދު ދިވެހި ހިތްތަކުގައި ފަޚުރުވެރިކަން އުފެދުމާއި ޙުއްބުލްވަޠަންގެ މަތިވެރި ރޫޙު ދިވެހީންގެ މެދުގައި ދިރުވައި އާލާކުރުމެވެ.

 

ޤައުމީ ދާރުލްއާސާރު ޤާއިމްކުރެއްވުމަށް ކަނޑައެޅުއްވި ޢިމާރާތަކީ ގަނޑުވަރުތެރޭގެ ސަރަޙައްދުގައި ހުރި އުސްގެކޮޅެވެ. މިޢިމާރާތަކީ މީލާދީން 20 ވަނަ ޤަރުނުގެކުރީކޮޅުގައި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ)، އެހެން ގޮތަކަށް ދަންނަވަނީނަމަ، އައްސުލްޠާން ޙާޖީ ޢިމާދުއްދީން، އެރަދުންގެ ސުވޭޙު އަނބިކަނބަލުން އިންނެވުމަށް ބިނާކުރެއްވި ތިންބުރި ޢިމާރާތެކެވެ.

 

މިހާރު ޤައުމީ ދާރުލްއާސާރު ހިނގަމުންދާ ޢިމާރާތުގެ ބިންގާ އަޅައިދެއްވީ ކުރީގެ ރައީސް އަލްއުސްޠާޛް މަޢުމޫން ޢަބްދުލްޤައްޔޫމް، 12 ނޮވެންބަރު 2007 ގައެވެ. އަދި އައު ޤައުމީ ދާރުލްއާސާރުގެ ޢިމާރާތް 26 ޖުލައި 2010 ގައި ހުޅުވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު އެވެ. މި ޢިމާރާތަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ދިވެހި ރައްޔިތުންނަށް ކުރި ހަދިޔާއެކެވެ.