ދާރުލް އާސާރުގައި ޒިޔާރަތް ކުރާ ފަރާތްތަކަށް ފެންނާނޭހެން ތައްޔާރުކުރެވިފައިވާ ކޮށާރުތައް
- އިސްލާމްދީނުގެ އަލިކަން އައުމުގެ ކުރިޔަށް ނިސްބަތްވާ އާސާރުތައް
މީ ދިވެހިރާއްޖެއަށް އިސްލާމް ދީނުގެ އަލިކަން އައުމުގެ ކުރިން އުޅުނު އޭރުގައި ދިވެހިން ގަބޫލުކުރަމުން ދިޔަ އެކި ދީން ތަކަށް ނިސްބަތްވާ މީހުން އަޅުކަން ކުރުމުގައި ބޭނުން ކޮއްފައިވާ އެކިކަހަލަ އާސާރުތަކާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމީހުން އަޅުކަން ކުރުމަށްޓަކައި ގާއިމް ކޮއްފައި ހުރި ދާގަބަ އާއި ވޭރު ފަދަ ތަންތަނުން ގެނެވިފައި ހުރި އެކި ކަހަލަ އާސާރުތަކެވެ. ބުނެވޭގޮތުގައި ގާތް ގަނޑަކަށް 250 ހަށް ވުރެ ގިނަ މިކަހަލަ ދާގަބަ އަދި ވޭރު ފަދަތަންތަން މިއަދާއި ހަމައަށް ވެސް ހޯދިފައި އެބަހުއްޓެވެ. މިއީ ދާރުލްއާސާރުގައިވެސް އެންމެގިނަ އާސާރު ހިމެނޭ އެންމެ ބޮޑު އެއް ކަލެކްޝަން އެވެ.
- އިސްލާމްދީނުގެ އަލިކަން އައުމުގެ ފަހަށް ނިސްބަތްވާ އާސާރުތައް
މިކޮޝާރުގައި ހިމެނާލެވިފައި ހުންނާނީ ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން އައުމާއި ތާރީހީގޮތުން ގުޅިފައިވާ އެކިކަހަލަ އާސާރުތަކެވެ. މީގެތެރޭގައި މިސްކިއްތަކުން ނާއި ޒިޔާރަތްތަކުން ގެނެވިފައި ހުރި އެކިކަހަލަ އާސާރުތައް ހިމަނާލެވިފައި ހުންނާނެއެވެ.
- ލޮއި ކަންވާރު
ލޮއިކަނަވާރުގެ ކޮޝާރުގައި ހިމަނާލެވިފައި ހުންނާނީ ވަރަށް ފަހަކާއި ޖެހެންދެންވެސް ދިވެހިންގެ ދިރިއުޅުމުގައި އެކިކަންކަމުގައި ބޭނުން ކުރެވިފައި ހުރި ލޮއިގެ އެކިބާވަތްތައް ބޭނުންކޮއްގެން ތައްޔާރު ކޮށްފައި ހުރި އެކިކަހަލަ އާސާރުތަކެވެ. މިކޮށާރުން ފެނިގެންދާ އާސާރުތަކަކީ ކުރީގެ ރަހުންނާއި ރަނިން ގެ ގަނޑުވަރުން ގެނެވިފައި ހުރި ތަކެއްޗެވެ. އެހެންކަމުން މިތަކެއްޗަކީ ރަސްގެފާނުންގެ އަރިހުގައި ރަސްމީއިއްޒަތުގައި އެކިކަންކަމުގައި ބޭނުން ކުރެވިފައި ހުރި އާސާރުތަކެކެވެ. ލޮއި ބޭނުންކޮއްގެން އެކިކަހަލަ އެއްޗެހި ތައްޔާރުކުން ނުވަތަ ކަނބުރުވެރިކަމަކީ ބުނެވޭގޮތުގައި ދިވެހިރާއްޖެގައި ކުރެވެމުންދާ ވަރަށް ގަދީމީ އަދި ދުވަސްވީ މަސައްކަތް ތެރިކަމެކެވެ. ނަމަވެސް މިކޮޝާރުގައި މުޅިން ހިމަނާލެވިފައި ހުންނާނީ ދިވެހިރާއްޖޭގްއި ތައްޔާރުކުރެވިފައި ހުރި އެއްޗެހި އެކަނިއެއްނޫނެވެ. ބައެއް ތަކެއްޗަކީ ބޭރުގެ އެކިގައުމުތަކުން ގެނެވިފައި ހުރި ތަކެއްޗެވެ.
- މުށި ކަންވާރު
މުށި ކަންވާރުގެ ކޮށާރުގައި ހިމަނާލެވިފައި ހުންނާނީ މުޅިންވެސް ސީނުކަރައިން ދިވެހިރާއްޖެއަށް ގެނެވިފައި ހުރި އެކިކަހަލަ މުށިތަށި ތަކެވެ. މީގެތެރޭގައި ބައެއް ތަށިތަކަކީ ސީނުކަރައިން ދިވެހިރާއްޖެއަށް އައިސްފައިވާ ވިޔަފާރިވެރިންނާ ކުރެވުނު ވިޔަފާރީގެ މުއާމަލާތްތަކުން ލިބިފައި ހުރިތަށިތަކެވެ. މީގެއިތުރުން ބައެއް ތަށިތަކަކީ ރާއްޖެގެ ރަސްގެފާނުންނަށް ހަދިޔާގެ ކޮތުގައި ސީނުކަރައިގެ ރަސްކަމުން ދީފައި ހުރި ތަށިތަކެވެ. މި ކޮޝާރުން ފެނިގެންދާ މުށިތަށި ތަކަކީ ބުނެވޭގޮތުގައި ގާތްގަނޑަކަށް 400 ވަރަކަށް އަހަރުވެފައިވާ ތަށިތަކެކެވެ.
- ގަނޑުވަރުން ގެނެވިފައި ހުރި އާސާރުތަކުގެ ކޮށާރު
ގަނޑުވަރު ކޮޝާރުގައި ހިމަނާލެވިފައި ހުންނާނީ ކުރީގެ ރަހުންނާއި ރަނިންގެ ގަނޑުވަރު ތަޅާލުމާއި ގުޅިގެން ގައުމީ ދާރުލްއާސާރައް ގެނެވިފއި ހުރި ބައެއް އާސާރުތަކެވެ. މީގެ ތެރޭގައި ބައެއް އާސާރުތަކަކީ ގަނޑުވަރު ތެރޭގައި ރަސްމީ އިއްޒަތުގައި ރަސްގެފާނުންގެ އަރިހުގައި އެކިކަން ކަމުގައި ބޭނުންކުރެވިފައި ހުރި އާސާރުތަކެވެ.
- · އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި ބޭނުންކުރެވުނު ތަކެތީގެ ކޮށާރު
މިކޮޝާރުން ފެނިގެންދާނީ ދިވެހިރާއްޖޭގައި އޭގެޒާތުގައި އެންމެފުރަތަމަ ބޭނުން ކުރެވުނު ތަކެއްޗެވެ.
- ފައިސާ އާއި ނޫޓް ގެ ކޮށާރު
މި ކޮޝާރުން ފެނިގެންދާނީ އެންމެ ކުރީއްސުރެ މިއަދާއި ޖެހެން ދެން ދިވެހިރާއްޖޭގައި ފައިސާގެ ގޮތުގައި ބޭނުން ކުރެވުނު ނޫޓް ކަލެކްޝަންތަކެވެ. އެކިރަސްކަމުގައި ޖެހާފައިވާ ލާރި އާއި އެކިދުވަސް ވަރުގައި ބޭނުންކުރެވުނު ނޫޓް ތައް ވަކިވަކިން ފެންނާނޭހެން ޑިސްޕްލޭ ކުރެވިފައި ހުންނާނެއެވެ.
- އަކުރުތަކުގެ ކޮށާރު
މިކޮޝާރުން ފެނިގެންދާނީ ދިވެހިރާއްޖޭގެ ތާރީޙުގައި އެކިދުވަސްވަރުގައި ރަސްމީކޮށް ލިޔެކިއުމަށް ބޭނުން ކުރެވުނު އަކުރުތަކެވެ. މައުލޫމާތުގެ އިތުރުން އެއަކުރުތައް ލިޔެވިފެންނަން ހުރި ބައެއް އާސާރުތައްވެސް ފެންނަން ހުންނާނެއެވެ.
- ކަނޑުފަޅު ކޮށާރު
ކަނޑުފަޅު ކޮޝާރުގައި ހިމަނާލެވިފައި ހުންނާނީ ދިވެހިރާއްޖޭގެ ކަނޑުފަޅުން ފެންނަން ހުންނަ އެކި ބާވަތްބާވަތުގެ ބޮލި އަދި މުރަކަ އަދި ވެލާ ކަހަނބުގެ ބާވަތްތަކެވެ.
- ރަހުންނާއި ރަނިންގެ ކޮށާރު
ރަހުންނާއި ރަނިންގެ ކޮޝާރުން ފެނިގެންދާނީ 20 އަދި 19 ވަނަ ގަރުނުގައި ދިވެހިރާއްޖޭގައި ރަސްކަން ކޮއްފައިވާ އެކި ރަސްގެފާނުން ބޭނުން ކޮއްފައިވާ އެކިކަހަލަ އާސާރުތަކެވެ.
- ލިޔެލާޖެހި އާސާރުތަކުގެ ކޮށާރު
މިކޮޝާރުން ފެނިގެންދާނީ ރަސްގެފާނުންގެ އަރިހުގައި ރަސްމީ އިއްޒަތުގައި އެކިކކިކަންކަމުގައި ބޭނުން ކުރެވުނު ރަސްގެފާނުން ގެ ގަނޑުވަރުން ގެނެވިފައި ހުރި ލިޔެލާޖެހި އާސާރުތަކެވެ.
- ޤުރުއާން ކޮށާރު
މި ކޮޝާރުން ފެނިގެންދާނީ ދާރުލް އާސާރަލް ހަދިޔާގެ ގޮތުގައި ލިބިފައިވާ ޤުރުއާން ފޮތްކެވެ. މީގެތެރޭގައި މުޅިން އަތުން ލިޔެފައި ހުރި ޤުރުއާން ފޮތްތައް ވެސް ފެނިގެންދާނެއެވެ.
- ކަނޑުދަތުރުފަތުރު ކުރަން ބޭނުން ކުރެވުނު އޮޑިދޯނިފަހަރުތަކުގެ ކޮޝާރު
މިކޮޝާރުން ފެނިގެންދާނީ ރާއްޖޭގައި އެންމެ ކުރީންފެށިގެން މިއަދާއި ހަމައަށް ކަނޑުދަތުރުފަތުރު ކުރުމަށްޓަކައި ބޭނުން ކުރެވުނު އަދި ދިވެހިރާއްޖޭގައި ބަނދެފައިވާ އެކި ބާވަތްތަކުގެ އޮޑިދޯނިފަހަރުތަކުގެ މޮޑެލް ތަކެވެ. މީގެއިތުރުން މަސްވެރިކަމުގައި ބޭނުން ކުރެވުނު އެކި އާލާތްތައްވެސް ހިމަނާލެވިފައި ހުންނާނެއެވެ.