އުތީމު ގަނޑުވަރަކީ ޙުސައިން ޙަތީބު ތަކުރުފާނު އުޅުއްވި ގެކޮޅެވެ. އުތީމު ތިންބެއިންނާއި ފާތިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގައި އެވެ. މިގެކޮޅު ބިނާކުރެއްވި ވަކިތާރީޙެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމަވެސް އިމާރާތްކުރެވުނީ އައްސުލްތާން ކަޅުމުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައި އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައިހުރީ ބިމަށް ކާނިމުޑިޖަހައި ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަށް މެއްލަގަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައިހުރި ބިތްތައް މިހާރުވެސް ފެންނަން އެހުރީ އޭރު ހުރިގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައިހުރީ ބިތްފަނުންނެވެ.