އުތީމު ގަނޑުވަރު ( ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު) – ހއ. އުތީމު، ހަސަންބެކޮށި މަގު
އުތީމު ގަނޑުވަރަކީ ޙުސައިން ޙަބީބު ތަކުރުފާނު އުޅުއްވި ގެކޮޅެވެ. އުތީމު ތިންބެއިންނާއި ފާތިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގައި އެވެ. މިގެކޮޅު ބިނާކުރެއްވި ވަކިތާރީޙެއް ކަނޑައެޅިގެން އެނގޭކަށްނެތެވެ. ނަމަވެސް އިމާރާތްކުރެވުނުނީ އައްސުލްތާން ކަޅުމުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައި އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައިހުރީ ބިމަށް ކާނިމުޑިޖަހައި ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަށް މެއްލަގަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައިހުރި ބިތްތައް މިހާރުވެސް ފެންނަން އެހުރީ އޭރު ހުރިގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައިހުރީ ބިތްފަނުންނެވެ.
ތިނަދޫ ސަރަހައްދީ ދާރުލްއާސާރު– ގދ. ތިނަދޫ
ތިނަދޫ ސަރަހައްދީ ދާރުލްއާސާރު ރަސްމީކޮށް އާންމުންނަށް ހުޅުވިގެން ދިޔައީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރ މަހުގެ ތެރޭގައިއެވެ. ގައުމީ ދާރުލްއާސާރެކޭވެސް އެއްފަދައިން ތިނަދޫ ސަރަހައްދީ ދާރުލްއާސާރުގައިވެސް ތަފާތު އެކި އާސާރުތަކެއްގެ މައްޗަށް ބަހާލެވި ތައްޔާރުކުރެވިފައި ހުރި ވަރަށްގިނަ ކޮށާރުތަކެއް ޒިޔާރަތްކުރާ ފަރާތްތަކަށް ފެންނާނޭހެން ތައްޔާރުކުރެވި ހުންނާނެއެވެ. މީގެ ތެރޭގައި ދިވެހިން އާންމުދިރިއުޅުމުގައި އެކިކަންކަމުގައި އެންމެ ކުރީއްސުރެވެސް ބޭނުން ކުރެވުނު އެކިކަހަލަ އާލާތްތަކާއި ދިވެހިން ކޮށްއުޅުނު ބައެއް ސަޤާފީ މަސައްކަތްތައް ކުރުމަށް ޓަކައި ބޭނުން ކުރެވުނު އެކިކަހަލަ އާލާތްތައް ފެންނަން ހުނަނާނެއެވެ. މީގެ އިތުރުން ތިނަދޫގެ ތާރީޙުގައިއި ހިނަގައިގޮސްފައިވާ ފާހަގަކޮއްލެވޭ ބައެއް މުހިންމު ހާދިސާ ތަކާއި ގުޅޭ މައުލޫމާތާއި ފޮޓޯ ހިމަނައިން ކޮށާރުތައް ތައްޔާރު ކުރެވިފައި ހުންނާނެއެވެ.
ތިނަދޫ ސަރަހައްދީ ދާރުލް އާސާރުގައި ތައްޔާރު ކުރެވިފައި ހުރި ކޮށާރުތައް
- ކުނާވިއުން ( މަސައްކަތްތެރިކަމާއި ގުޅޭ މައުލޫމާތާއި ފޮޓޯ )
- ކަނބުރުވެރިކަން ( މަސައްކަތްތެރިކަމުގައި ބޭނުން ކުރެވުނު އެކިކަހަލަ އާލާތްތައް )
- ފައިސާ އާއި ނޫޓް ކޮށާރު
- ތާރީޙީ ގޮތުން ފާހަގަކޮއްލެވޭ ބައެއް ތަންތަން ( ފޮޓޯ އާއި މައުލޫމާތު )