ޤައުމީ ދާރުލްއާސާރުގެ ޢާންމު އުސޫލުތައް
ޤައުމީ ދާރުލްއާސާރު ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހޮނިހިރު – ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން ހަވީރު 4:00 އަށެވެ. ވަނުމުގެ ޓިކެޓް ވިއްކާނީ ހެނދުނު 10:15ން މެންދުރުފަހު 3:30 އަށެވެ.
ޓިކެޓު އަގުތައް
- ދިވެހިން (16 އަހަރުންމަތި) -/20 ރުފިޔާ
- ދިވެހިން (5 އަހަރާއި 16 އަހަރާ ދެމެދު) -/10 ރުފިޔާ
- ދިވެހިން އަދި ބިދޭސީން (5 އަހަރުން ދަށް) ހިލޭ
- ދިވެހިން (65 އަހަރުންމަތި) ހިލޭ
- ބިދޭސީން (16 އަހަރުންމަތި) -/100 ރުފިޔާ
- ބިދޭސީން (5 އަހަރާއި 16 އަހަރާ ދެމެދު) -/20 ރުފިޔާ
- ފޮޓޯ (ފްލޭޝް ނުލާ) -/10 ރުފިޔާ
- ދިވެހީންނާއި ކައިވެނިކޮށްގެން އުޅޭ ދިވެހީންނާއި އެމީހުންގެ ދަރިންނަށް ފީ ނެގޭނީ ދިވެހީންނަށް ފީ ނަގާ އަގުގައެވެ.
- ޓިކެޓް ގަތުމަށްފަހު ދެއްކީ ފީ އަނބުރާ ނުލިބޭނެއެވެ. (ފީދެއްކުމަށްފަހު ހޯލަށް ނުވަދެ ދާންޖެހުނުކަމުގައި ވީޔަސް/ ހޯލަށްވަދެ އެއްކޮށް ނުބެލި އުޅެނިކޮށް ދާންޖެހުނުނަމަވެސް އަދި އެތެރެއަށް ވަދެ ފޮޓޯނެގުމަށް ބޭނުންކުރަންގެނައި ކެމެރާފަދަ އެއްޗަކަށް ދިމާވީ މައްސަލައަކާއި ގުޅިގެން ފޮޓޯނެގޭނެގޮތް ނުވިނަމަވެސް ދައްކާފައިވާ ފީ އަނބުރާ ނުލިބޭނެއެވެ.)
- ޒިޔާރަތްކުރަން ބޭނުންވާ މީހުންގެ ޢަދަދު 10 އަށް ވުރެ ގިނަނަމަ، 03 ދުވަސް ކުރިން އެކަމަށް އެދި ފޯމް ހުށަހެޅުމުން ރަސްމީ ދުވަސް ދުވަހު އެކަން ހަމަޖައްސައި ދެވޭނެ އެވެ. އަދި ޒިޔާރަތް ކުރުންތަކަށް އެދުވަހެއްގެ ޓިކެޓް ވަގުތުގެ ކުރިން ގަނެވިދާނެ އެވެ. މިގޮތަށް ގަންނަ ޓިކެޓްވެސް ބޭނުން ކުރެވޭނީ އެދުވަހު އެކަންޏެވެ.
- ޓިކެޓް ބޭނުންކުރެވޭނީ 1 ފަހަރުއެވެ. ޓިކެޓް ގަނެ ޓިކެޓް ބޭނުންނުކޮށް ޢިމާރާތުން ބޭރަށް ނުކުތުމަށްފަހު ދެން އައި ކަމުގައިވީނަމަވެސް އަލުން ޓިކެޓް ގަނެގެން ނޫނީ ދާރުލްއާސާރަކަށް ނުވަދެވޭނެއެވެ.
- އާސާރީ އެއްވެސް އެއްޗެއްގައި އަތްލުމަކީ މަނާކަމެކެވެ.
- އެއްވެސް އާސާރެއް ބަހައްޓާފައި ސްޓޭންޑް/ޝޯކޭހުގައި އަތްލުމާއި ލެގިގެންހުރުމާއި އިށީނުމަކީ މަނާކަމެކެވެ.
- ޒިޔާރަތްކުރާ ފަރާތެއްގެ އިހުމާލުން އާސާރަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް ތަހްޤީޤުކުރުމަށް ތަހްޤީޤީ އިދާރާއަށް މައްސަލަ ފޮނުވާ ޝަރީޢަތުން ނިންމުމަށް ޝަރިޢަތަށް ފޮނުވޭނެއެވެ.
- ފެން ފިޔަވައި އެއްވެސް ބާވަތެއްގެ ބޯއެއްޗެއް ނުވަތަ ކާއެއްޗެއް ވެދުމަކީ މަނާކަމެކެވެ.
- ދާރުލް އާސާރުގެ ތެރޭގައި އަޑުގަދަކޮށް ލަވަޖަހާ ވާހަކަ ދައްކައި ހީސަމާސާ ކުރުމަކީ މަނާކަމެކެވެ. ހުރިހާ ވަގުތެއްގައިވެސް ދާރުލްއާސާރުގެ ތެރޭގައި ހަމަހިމޭންކަން މަތީ އުޅުމަށް ސަމާލުކަން ދޭން ވާނެ އެވެ.
ފޮޓޯ ނެގުމާއި ވީޑިއޯކުރުން:
- ދާރުލްއާސާރުގެ އެތެރޭގައި ތަކެތީގެ ފޮޓޯ ނެގުމުގައި ފްލޭޝް ބޭނުންކުރުމާއި ޓްލައިޕޮޑްސް އަދި ކެމެރާގެ އެހެނިހެން ތަކެތީ ވެއްދުމާއި ބޭނުންކުރުމަކީ މަނާކަމެކެވެ.
- ދާރުލްއާސާރުގެ ހުއްދަނެތި އެތެރޭގައި ވީޑިއޯކުރުމަކީ މަނާކަމެކެވެ. ދާރުލް އާސާރުގެ އެތެރެ ވީޑިޔޯ ކުރުމަށް ހުއްދަ ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ. ޚާއްޞަ ހާލަތެއްގައި ވަކި ކަނޑައެޅިފަވާ ތަނެއްގައި ހުރެގެން ވީޑިޔޯއެއް ނެގުމަށް ހުއްދަ ކުރެވިދާނެ އެވެ. މި ޙާލަތުގައިވެސް ތަނުގައި ހުރި ތަކެތި ޒޫމްކޮށްގެން ވީޑިޔޯ ނެގުމަކީ މަނާކަމެކެވެ.
- ތަކެތި ފޮޓޯނަގައި،އެފޮޓޯ ވިޔަފާރީގެ ގޮތުގަ އާއި އަދި ވެސް އެހެނިހެން ކަންކަމަށް ބޭނުންކުރެވޭނީ މިކަމަށް އެދި ޤައުމީ ދާރުލްއާސާރަށް ލިޔެ ހުށަހެޅުމުން ،އެހުށަހެޅުންތައް ޤައުމީ ދާރުލްއާސާރުގެ ތަކެތީގެ ކަންކަމާބެހޭ ކޮމިޓީން ބަލައި ހުއްދަލިބުމުންނެވެ.
- ދާރުލްއާސާރަށް ވަންނަންވާނީ ނިވާކަން ހުރި ހެދުމެއްގައެވެ.
- ދާރުލްއާސާރުގެ ޢިމާރާތުގެ އެތެރޭގައި ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.
ދަބަސް :
- ހޯލަށް ވެއްދޭނެ އަތް ދަބަސް ބޮޑުމިނަކީ 11×15×6 އެވެ.
- މެޑިކަލް ދަބަސް ވެއްދިދާނެއެވެ.
- ވަނުމުގެ ކުރިން ލޮކަރަށް ލާފައި ވަންނަންޖެހޭ ދަބަސްތައް:
- 1. 11×15×6 އަށް ވުރެ ބޮޑު އަތްދަބަސް
- ކޮޑުގައި އަޅުވާ ހުރިހާ ސައިޒެއްގެ ދަބަސް
- ކެމެރާ ދަބަސް
ކުރެހުން:
- ކުރެހުމާއި، ނޯޓު ނެގުމަށް ފޮތެއް ވެއްދިދާނެއެވެ.
- ދާރުލްއާސާރު ތެރޭގައި ގަލަން ބޭނުންކުރުމަކީ މަނާކަމެކެވެ. (ނޯޓް ނެގުމާއި، ކުރެހުމަށް ވެއްދޭނީ ހަމައެކަނި ފަންސޫރެވެ.)
ޓިކެޓް ގަނެގެން ވަންކަމުގައިވީނަމަވެސް ދާރުލްއާސާރު ލަސްވެގެން ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑި ހަވީރު 04:30 ގައި ބަންދުކުރާނެއެވެ.