ސަގާފި ތަރިކަ
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައަކީ، ދިވެހިންގެ އާދަކާދައާއި، މާޒީއާއި ތާރީޚާ ގުޅިފައިވުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ކަންކަމާއި، ތަކެއްޗާއި، ބިނާތަކާއި ސަރަޙައްދުތަކަށެވެ. މި މާނައިގެ ތެރޭގައި އަންނަނިވި ބާވަތްތަކުގެ ތަރިކަ ހިމެނެއެވެ. މި މާނައިގެ ތެރޭގައި އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކުގެ އިތުރުން މަޢުނަވީ ސަގާފީ ތަރިކަވެސް ހިމެނެއެވެ. މި ހުރިހާ ބާވަތެއްގެ ތަރިކައެއް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ސަގާފީ ތަރިކައިގެ ގައުމީ ދަފުތަރެއް ވަނީ އެކުލަވައިލެވިފައެވެ.
މާއްދީ ސަގާފީ ތަރިކަ
މާއްދީ ސަގާފީ ތަރިކަ ކަމަށް ބުނެވެނީ، ފެންނަން ހުންނަ އަދި އަތްލެވޭ ފަދަ ސަގާފީ ތަރިކަތަކަށެވެ. މާއްދީ ސަގާފީ ތަރިކަ މައިގަނޑު 3 (ތިން) ބަޔަކަށް ބެހިގެންވެއެވެ. އެއީ އުފުލޭ ސަގާފީ ތަރިކައާއި، އާސާރީ ބިނާތަކާއި، އަދި އާސާރީ ސަރަހައްދުތަކެވެ.
އުފުލޭ ސަގާފީ ތަރިކަ
އުފުލޭ ސަގާފި ތަރިކަކަމަށް ބުނެފައި އެވަނީ، ދިވެހިންގެ މާޒީއާއި، ސަގާފަތާއި، ތާރީޙާއި އާދަކާދައާއި ގުޅިފައި އޮތުމުގެ ސަބަބުން ދިވެހިރާއްޖެއަށް މުހިންމު ތަކެއްޗާއި، އިޖްތިމާޢީ، އަދަބީ، ފާންނީ، ތާރީޙީ ނުވަތަ އާކިއޮލޮޖިކަލް ގޮތުން ބަލާލެވޭފަދަ ތަކެއްޗަށެވެ.
އާސާރީ ބިނާތައް
އާސާރީ ބިނާކަމަށް ބުނެފައި އެވަނީ، ސަގާފަތާއި، ތާރީޚާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ، ނުވަތަ އެ ބިނާއެއް ނުވަތަ އިމާރާތެއްގެ ބާވަތުން އެއަށް ދެވިފައިވާ ދަރަޖައެއްގެ ސަބަބުން، ތާރީޚީ ނުވަތަ އިލްމީ ނުވަތަ ފަންނުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ބިނާތަކާއި އިމާރާތްތަކަށެވެ.
އާސާރީ ސަރަޙައްދުތައް
އާސާރީ ސަރަހައްދު ކަމަށް ބުނެފައި އެވަނީ، ސަގާފަތާއި، ތާރިޚާއި، އާދަކާދައާ ގުޅިފައިވާ ބިނާކުރުމުގެ ފަންނުވެރިކަން ދައްކުވައިދޭ ނުވަތަ އެ ބިނާއެއް ނުވަތަ ޢިމާރާތެއްގެ ބާވަތުން، އެއަށް ދެވިފައިވާ ދަރަޖައެއްގެ ސަބަބުން، ތާރިޚީ ނުވަތަ ޢިލްމީ ނުވަތަ ފަންނުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ބިނާތަކަށެވެ.
މަޢުނަވީ ސަގާފީ ތަރިކަ
މަޢުނަވީ ސަގާފީ ތަރިކަ ކަމަށް ބުނެފައި އެވަނީ، ޖީލުން ޖީލަށް ނަޤުލުވަމުން އައިސްފައިވާ މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާ އާދަކާދައާއި، ބަހާއި، މިހާރު ނެތިގޮސްފައިވީ ނަމަވެސް، މާޒީއާ ނުވަތަ ތާރީޚާ ގުޅިފައިވާކަމަށް ބެލެވޭ އާދަކާދަތަކާއި ޢިލްމާއި ހުނަރަށެވެ. މަޢުނަވީ ސަގާފީ ތަރިކައިގެ ތެރޭގައި ރާޒުވާ ކުޅުމާއި، މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ މަސައްކަތްތެރިކަމުގެ ހުނަރުތަކާއި، އަދި ނެވިނިޔަމިކަން ހިމެނެއެވެ.
އިތުރު މަޢުލޫމާތު: ސަގާފީ ދަފުތަރުގައި ހިމެނޭ ތަކެތީގެ ތަފުސީލު ބެއްލެވުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.
ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރު