މަރުކަޒުގެ ތަޢާރަފް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއާއި 132 ވަނަ މާއްދާއިން އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އުފައްދަވާފައި ވަނީ 2010 އޮކްޓޯބަރ 19ގައެވެ. ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަމުގައި ވަކި އޮފީހެއް އުފެއްދެވީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އިން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރެއިން ތަރިކައާއި، ދިވެހިއާދަކާދައާއި، ޘަގާފަތާއި ގުޅޭގޮތުން ކުރައްވަމުން ގެންދެވި މަސައްކަތް ކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެންނެވުމާ ގުޅިގެންނެވެ.
2010 އޮކްޓޫބަރު 19އިން ފެށިގެން 2013 ނޮވެންބަރު 16ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ހިންގަމުންދިޔައީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުންނެވެ. 2013 ނޮވެންބަރު 17އިން ފެށިގެން 2014 ޖޫން 23ގެ ނިޔަލަށް ޑިޕާޓްމަންޓް ހިންގެވުން ހަވާލުކުރެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއެވެ. އަދި މިނސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަސައްކަތްތަކަށް ގެންނެވި ބައެއް ބަދަލާއި ގުޅިގެން، 2014 ޖޫން 24ވަނަ ދުވަހުން ފެށިގެން ޑިޕާޓްމަންޓަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުން ހިނގަމުންދިޔަ ތަނެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަދި 2018ވަނަ އަހަރުގެ ނޮވެމްބަރު 17ވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ސަރުކާރާއި ޙަވާލުވެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އުފައްދަވައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އެ މިނިސްޓްރީގެ ދަށުން ހިނގާ ޑިޕާޓްމަންޓެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
2019ވަނަ އަހަރުގެ އޮގަސްޓް މަހުގެ 28ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43ވަނަ ޖަލްސާއިން ފާސްކުރެއްވި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު، ޤާނޫނުއަސާސީގެ 92ވަނަ މާއްދާގައިވާ ގޮތުގެ މަތިން 2019 ސެޕްޓެމްބަރު 12ވަނަ ދުވަހު ތަސްދީޤު ކުރެއްވުމުން، މި ބިލު ޤާނޫނަކަށްވެ އެދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވުނެވެ. މި ޤާނޫނު ތަސްދީޤު ކުރެއްވުމާ ގުޅިގެން، ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައި ޤާނޫނޫ)ގެ 14ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާތީ "ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން " ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު"ގެ ނަމަށް ބަދަލުކުރެވުނީ 2019 ސެޕްޓެމްބަރު 12 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަޙައްދުތަކާއި، މަޢުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބަޔާންކޮށް، ސަގާފީ ތަރިކައިގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މި ތަރިކައިގެ މައްޗަށް އޮތް ދައުލަތާއި ފަރުދުންގެ ޒިންމާއާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، މި ތަރިކައާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ އަމަލުތަކަކީ ކުށެއްގެ ގޮތުގައ ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މަސައްކަތް ކުރުމަށް މި މަރުކަޒު އުފައްދަވައި މި ޤާނޫނު ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ވަނީ މި މަރުކަޒާއި ޙަވާލުކޮށްފައެވެ.
17 ނޮވެންބަރު 2023ގައި ފެށުނު ރިޔާސީ އައު ދައުރާ ގުޅިގެން، މިނިސްޓްރީ އޮފް ދިވެހި ލޭންގްއޭޖް، ކަލްޗަރަލް އެންޑް ހެރިޓޭޖް އުފައްދަވައި އެ ވުޒާރާގެ ދަށަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ބަދަލު ކުރައްވައި، މަރުކަޒުގެ މަސައްކަތްތަކަށް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. 2026 އެޕްރީލް 14ވަނ ދުވަހާއި، 15ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލާ ގުޅިގެން ވުޒާރާގެ ނަން "ފަންނާއި ސަގާގަތާއި ތަރިކައާ ބެހޭ ވުޒާރާ"ގެ ނަމަށް ބަދަލު ކުރައްވައި، މަރުކަޒު އެ ވުޒާރާގެ ދަށަށް ވަނީ ގެންނަވާފައެވެ.
ވިޝަން
ދިވެހީންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދިރުވައި، އާލާކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ އިދާރާއަކަށް ހެދުން.
މިޝަން
ޒަމާނީ ވަސީލަތްތަކުގެ އަލީގައާއި، ސައިންޓިފިކް ހަމަތަކާއި އުޞޫލުތައް ބޭނުންކޮށްގެންނާއި އަދި ފަންނީ ޤާބިލު މުވައްޒަފުން އުފައްދައިގެން ދިވެހީންގެ ސަގާފަތާއި ތަރިކަ ހިމާޔަތްކޮށް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އިދާރާއަކަށް އެދުމާއެކު، ދިވެހީންނާއި ފަތުރުވެރީންގެ މެދުގައާއި ސަރަޙައްދީ ފެންވަރުގައި މަޤްބޫލު، ބަލައިގަންނަ، އަދި ޝަޢުޤުވެރިވާ އިދާރަކަށް ހެދުން.