ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އިފްތިތާހުކޮށްފި
2026-07-22
ކުދި ޖަޒީރާ ޤައުމުތަކާ ގުޅޭ ދުނިޔޭގެ ތަރިކައިގެ އައު ސްޓްރެޓަޖީ، "ވޯލްޑް ހެރިޓޭޖް ސްޓްރެޓަޖީ ފޮރ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)"2026 ޖުލައި 21 ވަނަ ދުވަހު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ސްޓްރެޓަޖީ އިފްތިތާހުކޮށްފައިވަނީ މި މަހުގެ 19 އިން 29 އަށް ދެކުނު ކޮރެޔާގެ ބުސާންގައި ކުރިއަށްދާ ޔުނެސްކޯގެ 48 ވަނަ ދުނިޔޭގެ ތަރިކައިގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށްދިޔަ ޕެނެލް މަޝްވަރާތަކުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ހަރުދަނާ ސިޔާސަތުތައް ކަނޑައެޅުމާއި އެ ސިޔާސަތުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ފަރާތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ކަލްޗަރ އެންޑް ހެރިޓޭޖް ޒަހާ އަޙްމަދު ވަނީ ވާހަކަދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި މިފަދަ ޤައުމުތަކުގެ ތަރިކަ ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކާއި ކުރިއަށްދާނެ މަގުތަކަށް އަލިއަޅުއްވާލެއްވިއެވެ.
މި ވަގުތު ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި އެއްވެސް ސަރަހައްދެއް ނުވަތަ ބިނާއެއް ހިމެނިފައި ނުވާ 26 ޤައުމެއް އޮތްއިރު، އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ. ނަމަވެސް، ރާއްޖޭގެ ސަގާފީ ތަރިކަ ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ކުރާ މަސައްކަތުގެ ދަށުން، މި އަހަރު ދިވެހިރާއްޖޭގެ 5 ހިރިގަލު މިސްކިތެއް ދުނިޔޭގެ ދާއިމީ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
މިގޮތުން ހުށަހަޅާފައިވާ މިސްކިތްތަކަކީ ހއ. އިހަވަންދޫ ކުރީގެ ހުކުރު މިސްކިތް، ރ. މީދޫ ބައު މިސްކިތް، އދ. ފެންފުށި ހުކުރު މިސްކިތް، މާލޭ ހުކުރު މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. މި ހުށަހެޅުމާ ގުޅޭގޮތުން ބުސާންގައި ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނުއިރު، މެންބަރު ޤައުމުތަކުގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ވަގުތީ ލިސްޓުގައި 2013 ވަނަ އަހަރުން ފެށިގެން ހިމެނިފައިވީ ނަމަވެސް، މި ތަންތަން ދާއިމީ ލިސްޓަށް އެރުވުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް ގޮސްފައިވަނީ 2025 ވަނަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތުގައި އިންޑިއާގައި ހުންނަ ޔުނެސްކޯ ނިއު ދިއްލީ އޮފީހާއި ކިންގްޑަމް އޮފް ނެދަލޭންޑްސްގެ ފަރާތުން ދީލަތި އެހީތެރިކަމެއް ލިބިފައިވާކަން ޒަހާ ފާހަގަކުރެއްވިއެވެ.