ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަޝްރޫޢު
2026-05-20
ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަޝްރޫޢަކީ 2011ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިގޮތުން، މާލޭ ހުކުރު މިސްކިތް، މާލޭ ޢީދު މިސްކިތް، އދ.ފެންފުށި އާސާރީ މިސްކިތް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި 2013ވަނަ އަހަރު ވަނީ ހިމެނިފައެވެ. އަދި 2026ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް ހިރިގަލު މިސްކިތްތައް އެރުވުމުގެ އަމަލީ މަސައްކަތް 2025 ގައި މި މަރުކަޒުން ވަނީ ފަށައިފައެވެ. އެގޮތުން، ނޮމިނޭޝަން ޑޮޒިއަރ ތައްޔާރުކުރުމުގެ މަސައްކަތް 2025 މޭ މަހުގައި ބޭއްވުނު ޔުނެސްކޯ މިޝަންއަށް ފަހު މި މަރުކަޒުން ކޮށްފައިވެއެވެ. އެގޮތުން، ފުރަތަމަ ޑްރާފްޓް އިސްލާޙް ކުރުމުގެ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ 2025 އޮގަސްޓު މަހުގެ 13އިން 14އަށެވެ. އަދި ދެވަނަ ޑްރާފްޓުގެ މަޝްވަރާ ބައްދަލުވުން ބާއްވައިފައި ވަނީ 2025 ނޮވެންބަރު މަހުގެ 4އިން 6އަށެވެ.
2026 ޖަނަވަރީ 21 ގައި 5 ހިރިގަލު މިސްކިތް ހިމެނުމަށް ނޮމިނޭޝަން ޑޮޒިއަރ ޕްރިންޓްކޮށް ފަރަންސޭސިވިލާތުގައި ހުންނަ ޔުނެސްކޯގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. މި 5 މިސްކިތަކީ، ހއ.އިހަވަންދޫ ކުރީގެ ހުކުރު މިސްކިތް، މާލޭ ހުކުރު މިސްކިތް، ރ.މީދޫ ބައު މިސްކިތް، އދ.ފެންފުށީ ހުކުރު މިސްކިތް، ލ.އިސްދޫ އާސާރީ މިސްކިތެވެ. އައިކޮމޯސްގެ އިވެލުއޭޝަން ޓީމުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަން ވަނީ ހަމަޖެހިފައެވެ.
