ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައިޓް މިއުޒިއަމްތައް ޤާއިމު ކުރުން
2026-05-21
ނ. ލަންދޫ މާބަދިގެ ސަރަޙައްދާއި ތ.ދިޔަމިގިލި ގަނޑުވަރުގައި ޤާއިމުކުރާ ސައިޓް މިއުޒިއަމް މަޝްރޫޢަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18ވަނަ ދުވަހު އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހައި އިމްޕެކްޓް ގްރާންޓް ފަންޑް ލިބިގެން ކުރިއަށް ގެންދާ ދެ މަޝްރޫޢެވެ.
ނ. ލަންދޫ މާބަދިގެ ސަރަޙަދަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީ ޒަމާނަކަށް ނިސްބަތްވާ އާކިއޮލޮޖިކަލް ސަރަޙައްދެކެވެ. މިތަނަށް ރަށު މީހުން ހަތްކައޭ އަދި މާބުދުގެއޭވެސް ކިޔައި އުޅުނެވެ. މި ތަން ސައިޓް މިއުޒިއަމެއް ތަރައްޤީ ކުރުމަށްޓަކައި ކޮންސެޕްޓް އަދި ތަފްޞީލީ ކުރެހުންތައް 2022 ގައި ނިންމުމަށްފަހު މި މަޝްރޫޢުގެ ކުރިއަށް އޮތީ ޢަމަލީ މަސައްކަތުގެ މަރުހަލާއެވެ.
ތ. ދިޔަމިގިލީ ގަނޑުވަރަކީ މީލާދީން 1704 އިން 1757 ހަމަޔަށް ރަސްކަންކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ރަސްރަސްކަލުން ދިރުއުޅެއްވި ގަނޑުވަރަކެވެ. ތ. ދިޔަމިގިލީ ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންސެޕްޓާއި ތަފްޞީލީ ކުރެހުން ތައްޔާރުކޮށްފައި ވަނީ 2022ވަނަ އަހަރުގައެވެ. ދެން އޮތް މަރުހަލާއަކީ ސައިޓުގައި އަމަލީ މަސައްކަތް ކުރުމެވެ.