މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ މަޝްރޫޢު
2026-05-21

މެރިޓައިމް އޭޝިއާ ހެރިޓޭޖް ސާރވޭއަކީ މި މަރުކަޒާއި ޖަޕާނުގެ ކިޔޯޓޯ ޔުނިވާރސިޓީއާ ގުޅިގެން ދިވެހިރައްޖޭގައި ހުރި ނެތި ހިނގައިދާނެކަމުގެ ބިރު ހީވާ އާސާރީ ތަރިކަ ރައްކާތެރިކޮށް "އޯޕަން އެކްސެސް އޮންލައިން ޑޭޓާބޭސްއެއްގައި" އެންމެންނަށް ފެންނާނޭހެން ކިތާބުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ އެބޭފުންނަށް އާކޭޑިޔާ، ޔޫ.ކޭ އިން ލިބިވަޑައިގެންފައިވާ ގްރާންޓަކުންނެވެ. އެގޮތުން މި މަޝްރޫޢުގެ ދަށުން ފަންނީ ބޭފުޅުން ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް އެ ރަށެއްގައިހުރި އާސާރީ ތަންތަނުގެ ޖީޕީއެސް ކޯޑިނޭޓްސް ނެގުމާއި، ކެމެރާއާއި ޑްރޯނާއި އެކި ކަހަލަ ސްކޭނަރު ބޭނުންކޮށްގެން ސައިޓުތައް ޑޮކިއުމެންޓް ކުރުން ހިމެނެއެވެ.
މި މަޝްރޫޢުގައި ކުރާ މައިގަނޑު ކަންކަމަކީ:
- ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ޑޮކިއުމެންޓް ކުރުން
- ވަކި ވަކި ފޮޓޯ ނަގައި، މިން ނަގައި، 3ޑީ ސްކޭން ކުރުން
- އޮންލައިން އެކްސެސް ޑޭޓާ ބޭސް އެއް ތައްޔާރުކޮށް، އެންމެންނަށް ފަސޭހައިން ފެންނާނޭ ގޮތަށް ބައެއް އަތޮޅުތަކުގެ މައުލޫމާތު އާންމު ކުރުން.
މި މަޝްރޫޢަށް ބޭނުންވާ ފަންޑިން އިނގިރޭސި ވިލާތުގެ އާކޭޑިޔާގެ ފަރާތުން 5 އަހަރު ދުވަހަށް އިތުރުކޮށްދެއްވާފައެވެ. އަދި މި މަޝްރޫޢު އިތުރަށް ފުޅާވެ، މި މަޝްރޫޢުގެ ނަން "މޯލްޑިވްސް ހެރިޓޭޖް ސަރވޭ" އިން "މެރިޓައިމް އޭޝިޔާ ހެރިޓޭޖް ސަރވޭ" އަށް ވަނީ ބަދަލުވެފައެވެ. އަދި މި މަރުކަޒާއި ކިޔޯޓޯ ޔުނިވަރސިޓީއާއެކު 5 އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި 2020 ވަނަ އަހަރުން 2025 އަށް ވަނީ ސޮއިކުރެވިފައެވެ. އަދި 2025 ން 2027 އަށް ވަނީ މުއްދަތު އިތުރުކޮށްފައެވެ.
2018 ން 2025ށް 18 އަތޮޅު ސަރވޭކޮށް ނިންމާފައި ވެއެވެ. އެއީ:
1- ތިލަދުންމަތީ އުތުރުބުރި (ހއ.އަތޮޅު)
2- ތިލަދުންމަތީ ދެކުނުބުރި (ހދ.އަތޮޅު)
3- މިލަދުންމަޑުލު އުތުރުބުރި (ށ.އަތޮޅު)
4- މިލަދުންމަޑުލު ދެކުނުބުރި (ނ.އަތޮޅު)
5- މާޅޮސްމަޑުލު އުތުރުބުރި (ރ.އަތޮޅު)
6- މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު)
7- ފާދިއްޕޮޅު (ޅ.އަތޮޅު)
8- މާލެ އަތޮޅު (ކ.އަތޮޅު) (މާލެ ފިޔަވާ)
9- ފެލިދެ އަތޮޅު(ވ.އަތޮޅު)
10- މުލަކު އަތޮޅު (މ.އަތޮޅު)
11- ނިލަންދެއަތޮޅު އުތުރުބުރި (ފ. އަތޮޅު)
12- ނިލަންދެއަތޮޅު ދެކުނުބުރި (ދ.އަތޮޅު)
13- ކޮޅުމަޑުލު (ތ. އަތޮޅު)
14- ހައްދުންމަތި (ލ.އަތޮޅޫ)
15- ހުވަދު އަތޮޅު އުތުރުބުރި (ގއ.އަތޮޅު)
16- ހުވަދު އަތޮޅު ދެކުނުބުރި (ގދ.އަތޮޅު)
17- ފުވައްމުލައް (ޏ.އަތޮޅު)
18- އައްޑު އަތޮޅު (ސ.އަތޮޅު)
2026 މޭ 2 ވަނަ ދުވަހުން ފެށިގެން އަރިއަތޮޅުގެ (އއ، އދ) ގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަޝްރޫޢުގައި އެއްކުރެވޭ މައުލޫމާތު ލިބޭނެ ވެބްސައިޓު: https://maritimeasiaheritage.cseas.kyoto-u.ac.jp