2003 ވަނަ އަހަރު ޔުނެސްކޯއިން އެކުލަވާލި މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ މުއާހަދާ ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
2026-05-21
2003 ވަނަ އަހަރު ޔުނެސްކޯ އިން ތަޢާރަފުކޮށްފައިވާ "ކޮންވެންޝަން ފޮރ ސޭފްގާޑިންގ އޮފް ދި އިންޓޭންޖިބަލަ ކަލްޗަރަލް ހެރިޓޭޖް" ގައި ދިވެހިރާއްޖެ ސޮއިކުރުމުގެ ކަންކަމާއި ޤައުމީ ފެންވަރެއްގައި މަޢުނަވީ ތަރިކަ ހިމަޔާތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ހޭލުންތެރިކުރުމަށް، މި މަރުކަޒާއި ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތް އޭޝިއާއާއި ގުޅިގެން 2026 މޭ 5 ން 6 އަށް މަސައްކަތު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި މަސައްކަތުބައްދަލުވުން ކުރިއަށް ގެންދިޔުމުގެ ބޭނުމަކީ ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު)ގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުނަވީ ސަގާފީ ތަރިކަ ދަފުތަރު އިތުރަށް ފުރިހަމަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މަޢުނަވީ ތަރިކަ ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް އެހެން ޤައުމުތަކުގައި އެފަދަ ކަންކަމަށް ހޯދާ ހައްލުތައް މަޝްވަރާކުރުމާއެކު 2003 ވަނަ އަހަރު ޔުނެސްކޯ އިން ތަޢާރަފުކޮށްފައިވާ "ކޮންވެންޝަން ފޮރ ސޭފްގާޑިންގ އޮފް ދި އިންޓޭންޖިބަލަ ކަލްޗަރަލް ހެރިޓޭޖް" ގައި ދިވެހިރާއްޖެ ސޮއިކުރުމަށް މިހާރު ކުރަން ހުރި ކަންކަން ދެނެގަތުމެވެ.
އަދި މީގެ އިތުރުންވެސް، މި މަސައްކަތުބައްދަލުވުމުގެ ތެރެއިން މި މަރުކަޒާއި ޔުނެސްކޯއާއި ދިވެހި ތަރިކަ ދާއިރާގަޔާއި ފަންނުގައި އުޅުއްވާ ބޭފުޅުންނާ ބައްދަލުވެ، މުއާހަދާގެ ތެރެއިން ދިވެހި މައުނަވީ ތަރިކަ ކުރިއެރުވޭނެ ގޮތްގޮތައް އަލިއަޅުވާލާ، ދައިރާއާއި ފަންނުގެ ފަރާތްތަކަށް ހުރި ދަތިތަކާ ހުރަސްތައް ބަދަލުކުރެވި، މުއާހަދާގެ ތެރެއިން އެކަންކަމަށް ލިބޭނެ ލުއިތަކަށް ބަލާލެވިގެންދާނެއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ޔުނެސްކޯގެ ފަރާތުން ބައިވެރިވެލައްވާނީ ޔުނެސްކޯ ރީޖަނަލް އޮފީސް ފޮރ ސައުތު އޭޝިއާ، އިންޓަރނޭޝަނަލް އިންފޮރމޭޝަން އެންޑް ނެޓްވޯކްއިންގ ސެންޓަރ ފޮރ އިންޓޭންޖިބަލް ކަލްޗަރަލް ހެރިޓޭޖްއިން ދަ އޭޝިއާ ޕެސިފިކް ރީޖަން އިންޑަރ އޮސްޕައިސެސް އޮފް ޔުނެސްކޯ (އިޗްކެޕް) އަދި ޔުނެސްކޯގެ މައުނަވީ ތަރިކައިގެ މާހިރު، އިބްތިސާމް އަލްވައްހައިބީއެވެ. އަދި މި މަރުކަޒުގެ އިތުރުން ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެލައްވާނީ މައުނަވީ ސަގާފީ ތަރިކައާ ގުޅޭ ޖަމިއްޔާ ޖަމާޢާތްތަކާއި ފަންނުވެރީންނާއި މަސައްކަތްތެރީންނާއި ދިރާސާވެރީންނާއި މައުނަވީ ތަރިކައިގެ މަސައްކަތްތައް އެކިގޮތްގޮތުން ކުރައްވާ އިދާރާތަކާއި މުއާހަދާގެ ހިއްސާވެރީންނެވެ.
